ޓޫރިޒަމާއި ވިޔަފާރިތަކަށް އެހީވުމަށް އޯޕެކް ފަންޑުން 10 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް

އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އިން ބޭންކް އޮފް މޯލްޑިވްސް އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް އިން ވިދާޅުވީ، މި ލޯނު ދޫކުރެވޭނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި، އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

ބީ.އެމް.އެލްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލޯނު ދޫކުރުމުގައި އެންމެ ކުރީގައި އޮތް ބޭންކުވެސްމެއެވެ. އޯޕެކް ފަންޑާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ ދޫކުރާނެކަމަށް ބީ.އެމް.އެލްއިން ވިދާޅުވެއެވެ. މިލޯނަކީ ޕާޓްނަރ ޤައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރި އޯޕެކް ފަންޑުގެ ކޯވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ. ނަމަވެސް މި ލޯނާގުޅޭ އިތުރު ތަފްޞީލު ފަހުން ހާމަކުރައްވާނެކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.

ބީ.އެމް.އެލްގެ ސީ.އީ.އޯ ޓިމް ސޯޔަރ ވިދާޅުވީ، މި ލޯނު އެހީ ހަމަޖެހިގެން މި ދިޔައީ ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށާއި، ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ނުހަނު ހައްސާސް ދަނޑިވަޅެއްގައިކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބީ.އެމް.އެލްއިން އިސްނަގައިގެން މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ޤައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލޯނު އެހީއާގުޅޭގޮތުން އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ އުފަލެއްކަމަށެވެ. އަދި މި ޕްރައިވެޓް ސެކްޓަރ ފަންޑިންގ އާއެކު ރާއްޖެއާއެކު އެ ފަންޑުން ޤާއިމުކޮށްފައިވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޯޕެކް ފަންޑު އުފެދުނީއްސުރެއް މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ތަރައްޤީގެ މުހިންމު ޕްރޮޖެކްޓްތަކަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ، ޑރ. ޢަބްދުލްހާމިދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އޮތީ ކޯވިޑް-19ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައިކަމަށެވެ. އަދި އޯޕެކްގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށާއި، މިއީ އިޤްތިޞާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!