ޒަކަރިއްޔާ ވެސް އިންކުއަރީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ “ޕާލިމެންޓް އިންކްއަރީ” އަށް މައުލޫމާތު ހޯދަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު 241 ކޮމިޓީއަށް ހާޒިރު ކޮށްފި އެވެ.

ޒަކަރިއްޔާ ކޮމިޓީއަށް ހާޒިރުވެފައި ވަނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކުރިއަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައި އޮތް ކަމަށެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ހާޒިރުކޮށްފަ އެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އިއްޔެގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށްފަ އެވެ.

މަޖިލީހުގެ އިންކުއަރީއަށް 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއާ ވެސް ކޮމިޓީން ވަނީ ހޮނިހިރު ދުވަހު ސުވާލުކޮށްފަ އެވެ.

މަޖިލިސް އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކުރާނެ ކަމުގެ އިޝާރާތެއް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވަނީ ދެއްވާފަ އެވެ.

މަޖިލީހުގެ 241 އަށް ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ހާޒިރުކުރަމުން މިދަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!