އިންކުއަރީއަށް އެއްވެސް ނުފޫޒެއް ނެތް: އަސްލަމް

ސީދާ ރައީސް ޞާލިހު ވެސް އިންކުޔަރީ ރަނގަޅަށް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވާކަމަށް 241 ކޮމިޓީގެ މުގައްރިރު ވިދާޅުވެއްޖެއެވެ.

ކޮމިޓީން ކުރިއަށް ގެންދާ ޕާރލިމެންޓްރީ އިންކުއަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިހާތަނަށް އިންކުއަރީއަށް އެއްވެސް ފަރާތަކުން ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި، ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ ނުފޫޒެއް ވެސް ކޮމިޓީގެ މަސައްކަތަކަށް ނެތް ކަމަަށާއި، ވަކި ފަރުދަކާ ގުޅުން ހުއްޓަސް، ކޮމިޓީން ބަލަނީ ގައުމީ މައްސަލައެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މިއީ ގައުމީ ސަލަމާތާ ގުޅުން ހުރި މަސައްކަތެއްކަމަށް ދެކިގެން ކޮމީޓީން މަސައްކަތް ކުރަނީ ވެސް އެގޮތަށް ކަމަށެވެ.

އެއްވެސް ބޭފުޅަކު ކޮމިޓީއަށް ހާޒިރުނުވި މައްސަލައެއް އަދި ދިމާ ނުވާ ކަމަށާއި،  ކޮމިޓީއަށް ހާޒިރުވާން މިހާތަނަށް އެންގި ސިފައިންގެ ބޭފުޅުން ވެސް އަދި އެހެން ބޭފުޅުން ވެސް ހާޒިރުވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ހޯދަން މިހާތަނަށް ހަތް ފަރާތަކާ ބައްދަލުކޮށް ކޮމިޓީން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި، އޭގެ ބޭރުން އިތުރު ފަސް ބޭފުޅެއްގެ ފަރާތުން ވެސް މައުލޫމާތު ހޯދާފައިވާނެ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އިންކުޔަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މައުލޫމާތު ހޯދަން އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ވެސް މަޖިލީހަށް ޖަވާބުދާރީ ނުވުމުގެ ޖާގައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ވިދާޅުވިއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމިޓީން އެކަމަކާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!