ފުވައްމުލަކުގައި ބިދޭސީން މަސައްކަތް ކުރުން ހުއްޓުވައިފި

ފުވައްމުލަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެ ސިޓީގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ބިދޭސީން މަސައްކަތް ކުރުން ހުއްޓުވައިފި އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގައި ހަލުއި ކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

އެހެންވެ ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވީ ފުވައްމުލަކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާމަރުކަޒީ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކަމުގައި ވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ސިއްހީ އެހީތެރިން މި ނަގާ ރެންޑަމް ސާމްޕަލްތަކުން ވެސް ބިދޭސީން ޕޮޒިޓިވްވާ އަދަދު އިތުރުކަން ފާހަގަކުރެވޭ. އެހެންވެ މިޖެހުނީ ބިދޭސީންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން،” އިސްމާއިލް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ބިދޭސީންނާ ގުޅޭގޮތުން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި ބިދޭސީ މަސައްކަތު މީހުންނަށް ހުއްދަ ދޭނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފިހާރަތަކާއި، ކެފޭ / ރެސްޓޯރަންޓްތަކުން ބޭނުންވާ ޑެލިވަރީގެ ހިދުމަތް ދިނުމަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

“ހަގީގަތުގައި މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ބިދޭސީ އަކު ބަލިވުމުން އެ މީހުންގެ ސްޕޮންސަރަކާ ނުގުޅިއްޖެނަމަ ނުވަތަ ހަވާލު ނުވެއްޖެނަމަ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ. އަދި އެމީހުންނަށް ބައެއް ކަހަލަ ބޭސްތައް ހޯދަން ވެސް އުދަގޫތައް ކުރިމަތިވާތީ،” މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކު ކައުންސިލުން މީގެކުރިން ވަނީ ބިދޭސީން ގޭގެއަށް ގޮސް މަސައްކަތް ކުރުން ހުއްޓުވާފަ އެވެ. ފަހުން އެޅި ފިޔަވަޅުތަކުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތްތަކާއި، ވަޑާންގެތަކާއި، ގަރާޖު ފަދަ ތަންތަން އަދި ދުވަހު މަސައްކަތް ކުރުން ފަދަ ކަންކަމުގައި ބިދޭސީން އުޅުން ވަނީ މަނާކޮށްފަ އެވެ.

މޭޔަރު އިސްމާއީލް ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި 2000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެ އެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!