ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން އުޅުއްވާ ކަމުގެ ތުހުމަތު ރައީސަށް!

ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާރސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް މެދުވެރި ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕޯސްޓް ކުރި މެސެޖްގައި ބުނެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އަސްކަރިއްޔާގެ ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެމަނިކުފާނަށް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ސިއްރުކުރަން މަސައްކަތް ކުރައްވަނީ ކޮންކަމެއްތޯ ކަމަށް ވިދާޅުވެ އެ މެސެޖްގައި ސުވާލު އުފައްދަވާފައިވެއެވެ. ހަސަން ލަތީފް މެދުވެރި ކުރައްވާ ރައީސް ނަޝީދު ފޮނުއްވި މި މެސެޖްގެ ސްކްރީން އިމޭޖްތައް ސޯޝަލް މީޑިއާގައިވެސް ވަނީ އާއްމުވެފައެވެ.

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށްބުނެ އަސްކަރިއްޔާއިން މަޖިލީހަށް ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްސަލައެއް އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވިއެެވެ. އެހެން ނަމަވެސް އެ މައްސަލަ ކޮމިޓީންވަނީ ބޭރުކޮށްލާފައެވެ.

އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިނަށް ޓެގް ކުރައްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފޮނުއްވި މެެސެޖްގައި ވިދާޅުވެފައިވަނީ 241 ކޮމިޓީގެ ތަހުގީގަށް ހުރަސް އެޅުއްވުމަށް މަސައްކަތް ނުކުރެއްވުމަށެވެ. ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން ކަންކަމަށް ހުރަސްތައް މެދުވެރި ކުރުވުމަށް ކުރައްވާ މަސައްކަތް ހަމަ ނުޖެހޭ ކަމަށެވެ.

އީވާގެ މެސެޖްގައި، ރައީސް ނަޝީދުގެ ހާލަތާމެދު ވީ ހަމްދަރުދީގެ “ޑެޑްލައިން” ހަމަވީ ތޯ ސުވާލު އުފައްދާފައިވެއެވެ. މެސެޖް ނިންމަވާލައްވާފައިވަނީ މިއީވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!