71 ރަށް އޮތީ އަރާ ފޭބުން މަނާކޮށްފަ

ކޮވިޑް-19 ހަލުއި ކަމާއެކު އަތޮޅުތަކުގެ ތެރޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ފިޔަވައި 71 ރަށް މިވަގުތު އޮތީ އަރައި ފޭބުން މަނާކޮށް ބަންދުކޮށްފަ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ 37 ޕަސެންޓް އޮތީ ބަންދު ކޮށްފަ އެވެ.

ބަންދު ކޮށްފައިވާ 71 ރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންނަށް ލާފައި އޮތީ ޅ. ނައިފަރެވެ. އެރަށް ބަންދު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. މިއީ ކޮވިޑް ހާލަތު އެންމެ ގޯސްވި އެއް ރަށެވެ. ނައިފަރުން މިހާތަނަށް 902 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 886 މީހަކު ބަލިން ފަސޭހަވެފައިވާއިރު މިވަގުތު އެރަށުގައި ބަލިޖެހިފައި ތިބީ 12 މީހެކެވެ. ނައިފަރުގެ ހާލަތު މިހާރު އަންނަނީ ރަގަޅު ވަމުންނެވެ.

އޭޕްރީލް މަހު ބަންދުކުރި 11 ރަށެއްގައި ވެސް އަދިވެސް އަންނަނީ ކޮވިޑް ފެތުރެމުންނެވެ. އެއީ އދ. މާމިގިލި، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް އަދި އއ. ރަސްދޫ އެވެ.

މިވަގުތު ބަންދުކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރަށް މޮނީޓަރިންނަށް ލާފައި ވަނީ މިދިޔަ މަހު އެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން 55 ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ، ފ. ފީއަލި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މާހިބަދޫ، އއ. ފެރިދޫ، ށ. ކަޑިތީމު، ށ. ގޮއިދޫ، ދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ. ކެނދިކުޅުދޫ، ތ. ގުރައިދޫ، ވ، ކެޔޮދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، އއ. ބޮޑުފޮޅުދޫ، ނ. މިލަދޫ، ނ. މާޅެންދޫ، ކ. ދިއްފުށި، ލ. މާމެންދޫ، ގދ. ވާދޫ، ކ. ގާފަރު، ނ. ލަންދޫ، ފ. ބިލެތްދޫ، ޅ. އޮޅުވެލިފުށި، ށ. މިލަންދޫ، މ. މުލި، ތ. ހިރިލަންދޫ، ތ. ކިނބިދޫ، މ. މުލަށް، ލ. ހިތަދޫ، ތ. ބުރުނި، ހދ. ނޭކުރަންދޫ، ރ. އަލިފުށި، އދ. އޮމަދޫ، އއ. ތޮއްޑޫ، ރ. ދުވާފަރު، މ. ވޭވަށް، ކ. ހުރާ، ނ. ވެލިދޫ، ބ. ކެންދޫ، ގދ. ފަރެސްމާތޮޑާ އަދި ރ. އުނގޫފާރެވެ.

މިމަހުގެ މިހާތަނަށް މޮނީޓަރިންނަށް ލާފައި ވަނީ ހަތަރު ރަށެކެވެ. އެއީ ޅ. ކުރެންދޫ، ރ. މީދޫ، ހދ. މަކުނުދޫ އަދި ރ. ފައިނެވެ. މަކުނުދޫ އަދި ފައިނު ބަންދުކޮށްފައި ވަނީ އިއްޔެ އެވެ.

ބަންދުކޮށްފައިވާ ހުރިހާ ރަށެއްގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ހާލަތު ގޯސް ރަށްރަށުގައި އަންނަނީ 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 67،950 އަށް އަރާފަ އެވެ. އިއްޔެ ވަނީ އިތުރު 412 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!