އެޗްއެމްއެފްގައި މިދިޔަމަހު އެޑްމިޓްކުރި 93 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ

ހުސްވި މެއި މަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އެސެންޓަރުން އާދިއްތަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މެއި މަހުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 725 މީހުން އެޑްމިޓްކުރިކަމަށެވެ. އަދި މެއި މަސްތެރޭގައި 718 މީހުން ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި މެއި މަހުގެ ކުރިން އެފެސިލިޓީގައި އެޑްމިޓްކުރި މީހުން ވެސް ހިމެނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގަ 26 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ޑީއެޗް 17ގައި ވޯޑްގަ 5މީހުން، ޑީއެޗް 16ގައި 2މީހުން، ހިޔަލަ ވިންގްގަ 5މީހުން، ޕްރައިވެޓް ރޫމްގަ 4މީހުން އަދި ޑީއެޗް 11ގައި އައިސީޔޫގަ ފަރުވާދެމުންދާ 9މީހުންނެވެ. ޑީއެޗް 11ގައި ތިބި 9މީހުންގެ ތެރެއިން 5މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފެސިލިޓީގަ 20މީހުންނަށް އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭޑީކޭގަ ކޯވިޑް ބަލީގެ 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އަތޮޅުތަކުގަ ހުރި ފެސިލިޓީތަކަށް ބަލާއިރު، އައްޑޫ ފެސިލިޓީގަ 3މީހުން، ބ.އޭދަފުށި ފެސިލިޓީގަ 5މީހުން، ށ.ފުނަދޫ ފެސިލިޓީގަ 10މީހުން، ލ.ގަމު ފެސިލިޓީގަ 5މީހުން، ގދ.ތިނަދޫ ފެސިލިޓީގަ 2މީހުން އަދި ގއ.ވިލިންގިއްޔާ ފުވައްމުލައް މިއިން ކޮންމެ ފެސިލިޓީއެއްގައި އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19 ބަލީގަ ގިނައިން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ދާއިމީ ބަލިތަކާ އަދި އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. ބަލީގައި ބޮޑުވަރުވުން ކުޑަކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިއްޙީ މާހިރުން ފާހަގަކުރަނީ ވެކްސިން ދިނުމެވެ. ރާއްޖޭގަ 300000އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީފައެވެ. މިހާތަނަށް ދެވަނަ ޑޯޒް 170000އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!