ހާލުގައި ޖެހިފައިވާ މީހުންނަށް ސަނީ ލިއޯނީ ކާއެއްޗެހި ފޯރުކޮށްދީފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް، ބޮލީވުޑް އެކްޓްރެސް ސަނީ ލިއޯނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސަނީ ލިއޯނީ އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ ވަނީ މިއަދު މުމްބާއީ ސިޓީގައި ދިރިއުޅޭ ބައެއް ފަރާތްތަކަށް ކާއެއްޗެހި ހަދިޔާކޮށްފައެވެ. މީޑިއާތަކުން ވަނީ އެ މަންޒަރު ފޮޓޯނަގައި އާންމުކޮށްފައެވެ. އެއާއެކު ސަނީއަށް ދަނީ ގިނަ ބައެއްގެ ތަޢުރީފު ލިބެމުންނެވެ. ސަބަބަކީ، އިންޑިއާއަށް ދިމާވެފައި އޮތް މި ނާޒުކު ދަނޑިވަޅުގައި މަޝްހޫރު މީހެއްގެ ހައިސިއްޔަތުން އާންމުންނަށް ފައިދާހުރި ކަމެއް ކޮށްދިނުމުންނެވެ.

ސަނީ އާއި އޭނާގެ ފިރިމީހާ، ފަގީރުންނަށް ކާތަކެތި ބަހަނީ

ސަނީ ވަނީ މި އަހަރު ކުރީކޮޅުވެސް އެންޖީއޯ އަކާ ގުޅިގެން ދިއްލީގައި މަސައްކަތްކުރާ ބިދޭސީ 10،000 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް ކާތަކެތި ފޯރުކޮށްދީފައެވެ. އޭރު ދިން އިންޓަވިއުއެއްގައި 40 އަހަރުގެ ބަތަލާ ބުނީ، އެންމެން މިތިބީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށާއި، އެކަމުން އަރައިގަނެވޭނީ އެކަކު އަނެކަކަށް އެހީތެރިވެދީގެން ކަމަށެވެ.

ސަނީގެ އިތުރުންވެސް މަޝްހޫރު ގިނަ ތަރިންތަކެއް ދަނީ އާންމުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކަކީ އެކްޓަރު ސޯނޫ ސޫދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!