އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއަށް ރުހުންދިނުން ހޯމަ ދުވަހުގެ ޖަލްސާގައި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. ޝައުނާއަށް ރުހުންދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ޝައުނާގެ ކިބައިގައި ފުރިހަމަވާކަމަށެވެ. އެހެންކަމުން ޝައުނާއަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ރ ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުންދިނުމަށް ޝަަރުތު ފުރިހަމަވާ ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށެވެ.

ކޮމިޓީން ޝައުނާއަށް ރުހުންދިނުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޝައުނާ މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރެއްވުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.

މީގެއިތުރުން ޝައުނާ ވަނީ އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީ ސަރުކާރުގައި، 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ހަަމައަށް، ރައީސް އޮފީހުގައި ޕޮލިސީ އޮފީސް ބައިގައި އަންޑަރސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ.

އޭރު އެމްޑީޕީ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތުތައް މެނޭޖްކުރުމުގެ މަސައްކަތް ޝައުނާ ވަނީ ކުރައްވާފައެވެ. އަދި އޭރު ރައީސަށް ލަފާއެރުވުމަށް އުފައްދަވާފައިވާ ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގައި ވެސް ޝައުނާ މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2020 ވަނަ އަހަރަށް ކާބަން ނިޔުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް އޭރު ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަންފީޒުކުރުމަށް ހިންގި ޕްރޮގްރާމްތަކުގައި ޝައުނާ އިސްދައުރެއް އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން ޝައުނާ ވަނީ ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް އެންޑް އެކޮނިމިކްސް އިން ބެޗެލާރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!