މިނިސްޓަރު އަސްލަމާއި ޝިފާ ވެސް އިންކުއަރީ އަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ “ޕާލިމެންޓް އިންކްއަރީ” އަށް މައުލޫމާތު ހޯދުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު 241 ކޮމިޓީއަށް ހާޒިރު ކޮށްފި އެވެ.

މި ދެ ބޭފުޅުން މިއަދު ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ.

މިނިސްޓަރު އަސްލަމާއި ކުރީގެ މޭޔަރު ޝިފާ 241 ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލަށް ޕާކް ނުކުރެވޭ ގޮތް ހަދައިދިނުމަށް އެމްއެންޑީއެފުން މާލެ ސިޓީ ކައުންސިލްގައި އެދިފައި ވަނިކޮށެވެ. ނަމަވެސް އެކަން ނުކުރަނީސް ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލުމުން ރައީސް ނަޝީދަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

އެމްއެންޑީއެފުން އެދުނު ގޮތަށް އިންތިޒާމު ހަމަޖެއްސުމަށްޓަކައި ނީލޯފަރު މަގުގައި ވެހިކަލަށް ޕާކް ނުކުރެވޭ ގޮތް ހެދުމުގެ ގޮތުން ބިއްލޫރިޖެހިގޭގެ ހުސް ޖާގައިގައި ޕާކިން އޭރިއާ އެއް ހެދުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ޝިފާ ހުންނަވައިގެން ޕްލޭނިން މިނިސްޓްރީގައި އެދިފައިވެ އެވެ. ސިޓީ ކައުންސިލުން އެ ހުއްދައަށް އެދިފައިވަނީ ހަމަލާގެ ކުރިން މާޗް 23، 2021 ގައެވެ.

މިއަދު މެންދުރުފަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އަދި މިއަދު ހަވީރު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ ސިފައިންގެ 40 އަކަށް ބޭފުޅުންނާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!