ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ވެސް މަޖިލީހަށް ހާޒިރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފް ވަޑައިގެން ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވައިފިއެވެ.

ވައިސް ޗީފް ހާޒިރުކޮށްފައި މިވަނީ އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީގައި އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ކޮމިޓީއަށް ވަޑައިގަންނަވާފައެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށްދަނީ މީޑިޔާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

މި ތަހުގީގަށް ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތުން ހޮނިހިރު ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައެއް ފުލުހުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތުގައި މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު، އަދި މިނިސްޓަރ އޮފް ހައުސިންގ ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަން އެއްގުމުން އަސްކަރިއްޔާއިން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި، ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މިކަން ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވާ، ޑިފެންސް މިނިސްޓަރުގެ ނާއިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރ ޖެނެރަަލްގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފޮނުވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާގުޅޭ މިމައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒާ ސުލޫކީ ކޮމިޓީއަށް މިމައްސަލަ ފޮނުވާފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!