ޑިފެންސް މިނިސްޓްރުގެ ނައިބުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވައިފިއެވެ.

ހަސަން ޒަމީލުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތާ ބެހޭގޮތުން މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ހަސަން ޒަމީލު ސޮއިކުރައްވާ މަޖިލީހަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.

އެކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ ބުނާގޮތުން ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާ ކަމަށެވެ. އަދި، ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް 2011 ވަނަ އަހަރު ދީފައިވާ ލަފާގައި، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާގޮތުގެމަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި، ގާނޫނުއަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ލާޒިމްވެގެންވާކަމެއްކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް މަޖިލީހުން އަންގާފައިވަނިކޮށް، ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާގޮތުގެމަތިން ރާއްޖޭގެ ގައުމީ ދިފާއީބާރުން ކަމުގައި އަންގައި ހަސަން ޒަމީލް ސޮއިކުރައްވައި ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައިވާކަން މަޖިލީހުގެ ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.

މަޖިލީހުން ބުނީ އެ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އެ ކޯޓުގެ ލަފައާ ކަނޑައެޅިގެން ހިލާފު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެކަމެއްކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެމަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވީހިނދު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމުން، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް މިއަދު ޕްރޮސިކިއުޓާ ޖެނެރަލްއަށް މައްސަލަ ފޮނުއްވާފައިވާކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!