ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަޖައްސައިފިއެވެ. މިމަގާމަށް ހަމަޖެއްސީ ޢަބްދުﷲ ޝިމާޒްއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ އިތުރުން، ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެެވެ.

ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު، މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ފަޔާޒު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، “އޮފީހަށް ނިކުތުމަށް އަންގާ ލިޔުން” ލިބިވަޑައިގަތުމާއެކު، މިއަހަރުގެ ނޮވެމްބަރު 1ވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅުއްވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓަރ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް އަންގައި، އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ސީދާ ޞަރީހަ އިބާރާތުން، އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެެދި ސީއެސްސީގައި އެދުމުން، ސިވިލް ސަރވިސް ކޮމިޝަނުން އޭނާއާ ހަވާލުކޮށްފައިވާ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރައްވާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެެވެ.

އަދި ވަޒީފާގައި ދެމިހުރުމަށް ނިންމާ ނިންމުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން އޭނާއަށް ފަހި މާހައުލެއް މިނިސްޓްރީގައި އޮތްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް، ފަޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!