މޮޑާނާ އާއި ޖޯންސަންގެ ކޮވިޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފި

ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުމެއް ކަމަށްވާ ޖެންސެންގެ ކޮވިޑް-19 ވެކްސިނާއި، ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ މޮޑާނާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭއިން ބުނީ މި ދެ ވެކްސިން ވެސް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް “ރެސްޓްރިކްޓެޑް ޔޫސް އިން އެމަރޖެންސީ ސިޗުއޭޝަން” ގައި ބޭނުން ކުރުމަށް ކަމަށާއި، ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ޖޯންސަންގެ ކޮވިޑް ވެކްސިނަކީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ 5 ވަނަ ވެކްސިނެވެ. އަދި މޮޑާނާއަކީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ 6 ވަނަ ވެކްސިނެވެ.

އެމްއެފްޑީއޭއިން ބުނީ މޮޑާނާގެ ވެކްސިން އުފައްދަނީ މޮޑާނާ ބައޯންޓެކް ސްޕެއިނުން ކަމަށާއި، މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމުޢިއް (ޑަބްލިއުއެޗްއޯ) ގެ އެމަރޖެންސީ ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމަށެވެ. އަދި މިހާތަނަށް އެމަރޖެންސީ ހުއްދައިގެން ދަށުން 49 ގައުމެއްގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބި، ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސްވިޒަލޭންޑް އަދި އީޔޫގެ މެންބަރު ގައުމުތައް ހިމެނެއެވެ.

ޖޯންސަން ކޮވިޑް ވެކްސިންނަކީ ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުމެކެވެ. އަދި މި ވެކްސިނަށް ޑަބްލިއުއެޗްއޯގެ އެމަރޖެންސީ ހުއްދަ ލިބި މިހާތަނަށް 42 ގައުމެއްގައި މި ވެކްސިން އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، ބެލްޖިއަމް، ނެދަލޭންޑްސް، ކެނެޑާ، އޮސްޓްރިއާ، ޑެންމާކް އަދި އިޓަލީ ފަދަ ގައުމުތައް ހިމެނެއެވެ.

މި ދެ ވެކްސިން ވެސް ބަހައްޓަން ޖެހޭނީ 25- ޑިގްރީ ސެލްސިއަސްއާއި 15- ޑިގްރީ ސެލްސިއަަސްއާ ދެމެދުގެ ފިނިހޫނު މިނެއްގައެވެ. އަދި މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހުގައި އަދި ހިފައިގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް އެމްއެޗްޑީއޭއިން ބުނެއެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުން މިކަންކަން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!