ކުޅުދުއްފުށި ހާދިސާ: ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ރޭ ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ހދ. ކުޅުދުއްފުށީގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން ރޭ ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ކުރިން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. އެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ޒަހަމް ކޮށްލާފައިވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމް އެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހަސަން ޒަހަމްކޮށްލީ ވައްކަމުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!