ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއިމަހުގެ 6ވަނަ ދުވަހުގައި ދެވުނު ހަމަލާއާއި ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިކަން ހާމަކުރީ ހަމަލާގެ މައުލޫމާތު ދިނުމަށް މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހަމަލާއަށްފަހު ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި 150އަށްވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާކަމަށާއި، 25 އަށްވުރެ ގިނަ ތަންތަން ބަލާފާސްކުރެވިފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ މި ތަހުގީގަށް އާންމުންގެ ފަރާތުންވެސް މުހިންމު ސީސީޓީވީ ފުޓޭޖްތަކެއް ލިބިފައިވާކަމަށެވެ. އަދި މި ފުޓޭޖްތަކާއި އެހެނިހެން ފޮރެންސިކް ހެކިތައްވެސް ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމެންޓުން ބަލަމުންދާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ސީދާ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރެވިފައިވަނީ ހަތަރު މީހެކެވެ. ދެން ތިބި 10 މީހުންނަކީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އެކި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!