ފީވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު އެމްޓީސީސީއާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އިރު، މި މަޝްރޫޢުއަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!