އައްސޭރި ޖަލަށާއި މާފުށީ ޖަލަށް ވައްދަން މަސައްކަތްކުރި ތަކެއްޗާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ކ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށާއި ކ. މާފުށީގައި ހުންނަ ޖަލަށް ވެއްދުމަށް މަސައްކަތްކުރި ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައި، ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަނުގެ ތެރެއިން ކ. މާފުށީގައި ހިންގި އޮޕަރޭޝަނަކީ މާފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ 03:36 އެހާކަންހާއިރު މާފުށީ ޖަލު ސަރަހައްދުންނެވެ.

އެމީހާ ހައްޔަރުކޮށް  އެސަރަހައްދު ބަލައިފާސްކުރިއިރު 44 ފޯނާއި ފޯން ކަވަރަކާއި 13 ޔޫއެސްބީ ކޭބަލްއާއި ދެ ހެޑްސެޓާއި މޮޑިފައިޑް 46 ފޯންޗާޖަރު ގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ކ. ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 3 ވަނަ ދުވަހު ފުލުހުންނާއި ޕްރިޒަން އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނަކެވެ. މި އޮޕަރޭޝަނުގައި އައްސޭރި ޖަލު ހިމެނޭ ސަރަހައްދު ބަލައިފާސްކުރިއިރު، ޖަލުގެ ބައުންޑަރީ ވޯލް ތެރޭ ހޮޅިދަނޑިއެއްގެ އަޑީގައި ޕޮޓްކޮށްފައިވަނިކޮށް އެއްޗެއްހިތަކެއް ފެނިފައިވެއެވެ. އެތަކެތީގެ ތެރޭގައި ހިމެނެނީ ދެ ފޯނާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 8 ދަޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓެވެ.

މިމައްސަލަތައް މާފުށި އަދި ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!