ޒަރޫރީ ބޭނުމަށް މާލެއިން އަތޮޅުތަކަށް ދެވޭނެ އުސޫލުތައް އާންމުކޮށްފި

ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާ، އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެއިން އަތޮޅު ތަކަށް ދަތުރުކުރެވޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާން ޖެހޭ މީހުންނަށް ކަމަށެވެ. އަދި މާލޭގައި އަދާކުރަމުން އަންނަ ވަޒީފާގެ މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވާ މީހުންނަށްވެސް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމި، ރަށަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށްވެސް ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ފަރާތްތައް ނުހިމެނެއެވެ. އަދި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާން ޖެހޭ މީހުންނަށްވެސް ހުއްދަ ދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މިއަދުން ފެށިގެން ހުށައަޅާނީ “ހާލުބެލުން ޕޯޓަލް” މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ، ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އޭގެ އިތުރުން ޒަރޫރީ ހާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރު ވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފަހުން ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!