ޖިންސު އޮޅުވާލައިގެން އުޅޭ މީހުންނަށް ތާއީދު ނުކުރާނެ ކަމަށް ޝަފިއްޔާ ބުނުމުން ބޮޑު ބަހުސަކަށް!

އަންހެނުން ފިރިހެނުންނަށް ބަދަލުވެ، ފިރިހެނުން އަންހެނުންނަށް ބަދަލުވުމަށް ތާއީދު ނުކުރާނެ ކަމަށް ހޮޓެލް ޖެންގެ ޑިރެކްޓަރ އޮފް ސޭލްސް ޝަފިއްޔާ ސްޓެިންހިލްބާ ބުނުމުން މީސްމީޑިއާގައި އެކަން ބޮޑު ބަހުސަކަށް ވެއްޖެއެވެ.

ޝަފިއްޔާއަކީ ރާއްޖޭގައި ހިނގާ ވަރަށް ގިނަ ކަންކަމަށް މީސްމީޑިއާގައި ޚިޔާލު ފާޅުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާ މީހެކެވެ. އެގޮތުން އިއްޔެ ޝަފިއްޔާ ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ބުނީ، ކިތަންމެ ފެމިނިސްޓުވެފައި، “ކޫލް” ވެފައި ޒަމާނީ ވެގެން އުޅުނަސް ޖިންސު އޮޅުވާލުމަކީ އޭނާ ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ އެހެން ބުނެގެން ކޮންމެ މީހަކު ރުޅި އަޔަސް ފަރުވާލެއް ނެތް ކަމަށް ބުނެފައިވެއެވެ.

ޝަފިއްޔާ ބުނީ ފިރިހެނުން ރީތީ ފިރިހެނުންގެ ގޮތުގައި ކަމަށާއި، އަދި އަންހެނުން ރީތީ އަންހެނުންގެ ގޮތުގައި ކަމަށެވެ. އަދި އެހެން ބުނެގެން އޭނާއަކީ “ކޫލް” ނޫން މީހެއް ކަމަށް ދެކުނަސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށް ބުނެފައިވެއެވެ. ޝަފިއްޔާ ބުނީ އޭނާއަކީ ފެމިނިސްޓަކަށް ވިޔަސް، ވަކި މިންގަނޑުތަކެއް ގެންގުޅޭ މީހެއް ކަމަށެވެ.

“ފެމިނިޒަމް” އަކީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމާއި، ދެޖިންސުގެ ހަމަހަމަކަމަށް ވަކާލާތު ކުރުމެވެ.

ކޮންމެއަކަސް، ޝަފިއްޔާގެ ސްޓޭޓަސް އާ ގުޅިގެން އެއްބަޔަކު ވަނީ އޭނާއާ ދެކޮޅަށް ވާހަކަދައްކައިފައެވެ. އެމީހުން ބުނާގޮތުގައި، އެންމެންގެ ހަމަހަމަކަމަށް ވަކާލާތު ނުކުރެވޭ ނަމަ “ފެމިނިސްޓަކަށް” ވެގެން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެމީހަކު ބޭނުން ޖިންސެއް ކަނޑައެޅުމަކީ އެމީހަކަށް ލިބިފައިވާ ހައްގެއް ކަމަށާއި، އެއީ އެހެން މީހަކާ ބެހެވޭނެ ކަމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. އެއާއެކު، ގިނަ ބަޔަކު ވަނީ އެއީ ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއްކަން ހަނދާންކޮށްދީފައެވެ.

“އަހަރުމެން ބުނާ މީހުން ގޯސް ވާނީ. އަދި އަމުދުން ދީނުގަ އޮތްގޮތް ބުނެފިއްޔާ މަ ވަރުގެ ނާތަހުޒީބު މީހެއް ނެތް” ޝަފިއްޔާގެ ވާހަކައަށް ތާއީދުކޮށް އެކަކު ކޮމެންޓުކޮށްފައިވެއެވެ.

ޝަފިއްޔާގެ މި ސްޓޭޓަސް އާ ގުޅިގެން މީސްމީޑިއާގައި ދިވެހި ޒުވާނުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މިކަން އިންސްޓަގްރާމުން ވެސް ދަނީ ފެންނަމުންނެވެ.

ފަހަކަށް އައިސް، އަންހެނުންގެ ސިފަ ޖެހިގެން ތިބޭ ފިރިހެނުންނާއި، ފިރިހެނުންގެ ސިފަ ޖެހިގެން ތިބޭ އަންހެނުން ފެނުން އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުން ދަނީ ފެންނަމުންނެވެ. ޙާއްސަކޮށް ޓިކްޓޮކް އެޕުން މިކަން ފެންނަލެއް ވަރަށް އާންމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް، މިއީ އިސްލާމްދީނަށް ފާޅުގައި ގޮންޖެހުން ފަދަ އަމަލެކެވެ. އަދި މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައި އޮތް ވަރަށް ހިތާމަވެރި ކަމެކެވެ. މިކަމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީންނާއި ސަރުކާރުން ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ދެކެމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!