ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ނާގިން 3 ގެ އެކްޓަރު ހައްޔަރުކޮށްފި

އުމުރުން 18 ނުފުރޭ އަންހެންކުއްޖަކު ގަދަކަމުން ރޭޕްކުރިކަމުގެ ތުހުމަތުގައި، އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާރލް ވީ ޕޫރީ ހައްޔަރުކޮށްފިއެވެ.

ކަލާޒް ޓީވީގެ “ނާގިން 3” އިން ވިދައިލި ޕާރލް ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އަދި އޭނާ ހައްޔަރުކުރީ، ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ އަންހެންކުއްޖާ އާއި އޭނާގެ އާއިލާ ފުލުހަށް މައްސަލަ ހުށަހަޅައިގެން ކަމަށް ބުނެއެވެ. އެކަން މުމްބާއީ ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި އެއީ ކުރީގެ މައްސަލައެއް ކަމަށްވެސް ބުނެއެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި 31 އަހަރުގެ އެކްޓަރު 14 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ޕާރލްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތު، އޭނާގެ ގާތް ފަރާތްތަކުން ދަނީ ދޮގުކުރަމުންނެވެ. އެގޮތުން “ނާގިން” ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނީ ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ އަންހެންކުއްޖާގެ މަންމައާ ފޯނުން ގުޅައިގެން ވާހަކަދެއްކި ކަމަށާއި، އޭނާވެސް ޕާރލްގެ ކުށެއްނެތް ކަމަށް އެއްބަސްވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަންހެންކުއްޖާގެ ބައްޕަ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް މަންމައާ ހަވާލާދީ އެކްތާ ބުނެއެވެ.

އެކްތާ ބުނީ، އޭނާއަކީ ޖިންސީ އަނިޔާއާއި ރޭޕްއާ ދެކޮޅަށް ތެދުވާނެ މީހެއް ކަމަށާއި، އެކަމަކު އަންހެން ކުއްޖަކަށްވީތީ ލިބިފައިވާ ބާރުތަކުގެ ނަހަމަ ބޭނުން ހިފުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އެކްތާގެ އިތުރުންވެސް ހިންދީ ޓީވީ އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް ވަނީ ޕާރލްގެ ދިފާއުގައި ނުކުމެފައެވެ. އެމީހުންވެސް ބުނަމުން ދަނީ ޕާރލް އަކީ އެފަދަ އަމަލެއް ކުރާނެ މީހެއް ނޫން ކަމަށެވެ.

ކޮންމެއަކަސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ޕާރލްގެ ފަރާތުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!