ކުޅުދުއްފުށިން މީހަކު ރަހީނުކުރި މައްސަލާގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ  މީހަކަށް އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާއާ ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ވެސް ހައްޔަރުކުރިއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. މި މައްސަލާގައި  ކޯޓު އަމުރެއްގެ ދަށުން އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ޒުވާނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާއަށް ފަރުވާ ދިނީ އޭޑީކޭގެ އައިސީޔޫގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!