ކޮވިޑް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރުގެ އޯޕީޑީ ހިދުމަތް

ކޮވިޑު-19 އަށް ޕޮޒިޓިވް މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފިއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އުމުރުން އެންމެ ހަގު ، މިޝްކާ މުހައްމަދު ނިޔާވުމުގައި ފަރުވާ ލިބުން ލަސްވުން ފަދަ ބޮޑެތި މައްސަލަތަކެއް  ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ވަނީ ފާހަގަކޮށްފައެވެ.  އެއާއެކު، އެ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިއްޙީ ފަރުވާދޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކުރުން ހިމެނެއެވެ. އޭރުން ކޮވިޑަށް ޕޮޒިޓިވް މީހުންނަށް އަމިއްލައަށް ގޮސްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ރިވިއުގައި ވެއެވެ.

ނަމަވެސް މި އިންތިޒާމް ހަމަޖައްސާ ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

އޭގެ އިތުރުން ވަކި ހިދުމަތެއްގެ ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގާއިމްކޮށް، އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުން ވެސް ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ނިޔާވި 10 އަހަރުގެ މިޝްކާއަށް ފަރުވާ ދިންގޮތުގެ ރިވިއުގައި ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައި ނުވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެމްބިއުލާންސް މާ ބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގާ ދަރުބާރުގެއަށް އާއިލާއިން މީހަކު ފޮނުވިއެވެ. މިޝްކާ ބަލައި އެމްބިއުލާންސް ފޮނުވީ އޭގެ ފަހުންނެވެ. އެ ގޭ ދޮށަށް ދެވުނުއިރު 11:38 އެވެ. އަދި އޭރު ކުއްޖާގެ އެއްވެސް ހަަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފަށައި، 11:42 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔައެވެ. އެ ކުއްޖާ ނިޔާވީ އޭގެ ފަހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!