ނަފްރަތުގެ ބިލަށް ޖޭޕީގެ ތާއީދެއް ނެތް

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޖުމްހޫރީ ޕާޓީން ތާއީދު ނުކުރަން ނިންމައިފިއެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނަފްރަތުގެ ބިލް އެ އޮތް ގޮތަށް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށާއި، މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް އެ ބިލަށް ތާއީދެއް ނުކުރާނެ ކަމަށެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ.

ޖޭޕީގެ ބަޔާނުގައި އެ ބިލު ސިފަކޮށްފައިވަނީ، މަޖިލީހާއި އެ ނޫން ވެސް ތަންތަނުގައި ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް ހުޅުވިގެންދާނެ ގާނޫނީ ދޮރެއްގެ ގޮތުގައެވެ. އެގޮތުން، ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ ހަދާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް، ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށް ޖޭޕީން ބުނެފައިވެއެވެ.

މީގެ އިތުރުން،  އެ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން މެންބަރަކު ވޯޓު ދެއްވުމަކީ އެ މެންބަރުން ކުރައްވާފައިފާ ހުވައާ ވެސް ހިލާފުވުން ކަމަށާއި، މި ސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކު ވެސް އެ ބިލު ގާނޫނަކަށް ހަދަން ތާއީދެއް ނުކުރާނެ ކަމަށް ޖޭޕީން ބުންޏެވެ.

ހަމައެހެންމެ، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އަޅާ ފިޔަވަޅުތައް ގާނޫނުތަކުގައި ބުނެދީފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން އެފަދަ މީހަކާ މެދު ތަހުގީގެއް ހިންގާ ފިޔަވަޅު އަޅާފައިވޭތޯ ސުވާލު އުފައްދަމުން ޖޭޕީން ބުނީ މިފަދަ ގާނޫނެއް ހަދައިފި ނަމަ ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދިވެހި މުޖުތަމައު ފިތުނަވެ، ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މި ބަލަށް ތާއީދުނުކުރާކަން ހާމަކޮށްފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން މި އިސްލާހަށް ތާއީދު ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!