މިޝްކާގެ މަރު: އެތައް އިހުމާލެއް

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަަރުވި އެންމެ ހަގު ކުއްޖާ އެވެ. އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވަމުން އައި މިޝްކާ ނިޔާވުމުގައި އެތައް އިހުމާލެއް ވެފައިވާ ކަން ރިޕޯޓުން އެނގިއްޖެއެވެ.

ހެލްތް މިނިސްޓްރީން ރޭ އާންމުކުރި އިހުމާލު ރިޕޯޓްގައި ކަން ހިނގައިދިޔަ ގޮތް ބާޔަންކޮށްދީފައިވާއިރު ، އޭގައި ބުނާ ގޮތުން މިޝްކާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހު ނެގި ސާމްޕަލަކުންނެވެ.  ޕޮޒިޓިވްކަން 30 ވަނަ ދުވަހު ވަނީ އަންގައިފައެވެ.  ޑޮކްޓަރަށް ދައްކަން ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން، ބޭނުންވާ ކަމަށް ބެލެނިވެރިޔާ އެދިފައިވީ ނަމަވެސް، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދެވިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އުސޫލު ހަމަޖެހިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށްޓަކައި ގުޅަން ޖެހޭ ކަމަށާއި ނަމަވެސް އެ ކްލަސްޓާއިން ވެސް ދެ ދުވަހުގެ ތެރޭގައި މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާ ކަމަށެވެ.

މިޝްކާގެ ސިއްހީ ހާލަތު ގޯސްވާން ފެށުމުން އެންމެ ފުރަތަމަ ކޯލް ސެންޓަރަށް ގުޅާފައިވަނީ، ރިވިއުގައި ބުނާ ގޮތުން ނަމަ މި މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:20 ގަ އެވެ. އެއީ ހުން ގަދަވެ ނުކެވުމާއި ކެއްސައި ވަރުބަލިވާތީ އެކަން އެންގުމަށް ކުރި ކޯލެކެވެ. އެ މައުލޫމާތު ކޯލް ސެންޓަރުން ސިސްޓަމަށް އަޅައި ޓިކެޓް ރެއިޒް ކުރުމުން ޑޮކްޓަރެއް ގުޅައި، އެ ވަގުތު ގޭގައި ދެމުން ގެންދިޔަ ބޭސް ކުރިއަށް ގެންދިއުމަށް ލަފާ ދިނެވެ.

އެ ރޭ 9:06 ގައި މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ވަނީ ކޯލްސެންޓަރަށް ގުޅާފަ އެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާ ކަމަށާ ނޭވާލަން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ އަދި ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ވާހަކަ މިޝްކާގެ ބެލެނިވެރިޔާ އެންގި އެވެ.

މި މައުލޫމާތާއި ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެެލެނިވެރިޔާއަށް ގުޅުމަށް މަަސައްކަތްކުރި ނަމަވެސް އެ ވަގުތު ގުޅިފައެއް ނުވެއެވެ. އޭގެ ފަހުން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ ނޭވާ ނުލެވިގެން އުނދަގޫވާ ވާހަަކަ އެންގިއެވެ. އެއީ އެރޭ 10:06 ގައެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ޑޮކްޓަރަކު ގުޅުމުން މިޝްކާގެ ހާލަތު ސާފު ކޮށްދިން ނަމަވެސް 10:39 ވީއިރުވެސް އެމްބިއުލާންސް ދާން އަންގާފައި ނުވާކަން އެ ރިޕޯޓުން އެނގެ އެވެ.

“މި ކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމަށާއި އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވެ އެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ވެސް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ.”

ޓައިމްލައިނުން ފެންނަ ގޮތުގައި އެ ރޭ 11:16 އާއި 11:33 އާ ދެމެދު ބެލެނިވެރިން ވަނީ ކޯލް ސެންޓަރަށް ފަސް ފަހަރު ގުޅައިފަ އެވެ. އެއިން އެއް ކޯލްގައި، ކުއްޖާގެ ހާލު ދަށްވަމުންދާ ކަމަށާއި ހޭނެތި ނޭފަތުން ލޭ އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްބިއުލާންސް މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ، ދަރުބާރުގެ އަށް އާއިލާގެ ފަރާތުން މީހަކު ފޮނުވިކަން ވެސް ރިވިއު އިން އެނގެ އެވެ. އެމްބިއުލާންސް ފޮނުވީ އޭގެ ފަހުންނެވެ. އެމްބިއުލާންސަށް ގޭދޮށަށް ދެވުނުއިރު 11:38 އެވެ. އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފެށި އެވެ. އައިޖީއެމްއްއެޗްގެ އިމަޖެންސީ އަށް މިޝްކާ ގެންދިޔައީ އެރޭ 11:42 ގަ އެވެ.

އެމްބިއުލާންސް އައުމަށް 2 ގަޑި އިރާއި 26 މިނެޓް ހޭދަވެފައިވާ ކަމަށާއި އެއީ ސިއްހީ އެމަޖެންސީއެއްގައި އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!