ކޮވިޑް-19: މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 500އިން ދަށަށް

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް 500 އަށްވުރެ މަތީގައި ހުންނަތާ ދުވަސްތަކެއް ވެފައިވަނިކޮށް، އެ އަދަދު ދަށަށް ވެއްޓިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާގޮތުގައި، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 432 މީހުންނެވެ.  އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 249 މީހުންނާއި، އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 154 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 66،948އަށް އަރައިފައެވެ.

މިއަދު 432 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓުކުރި 4056 ސާމްޕަލްގެ ތެރެއިންނެވެ.

އޭގެ އިތުރުން، މިއަދު ބަލިން ރަނގަޅުވެފައި ވަނީ  1771 މީހުންނެވެ. މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދު ކޮންމެވެސް ވަރަކަށް ދަށްވަމުންދާތީއާއި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދު ވަނީ 21،000 އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ 21،032 ގައެވެ.

މިވަގުތު ހޮސްޕިޓަލުތަކުގައިއ އެޑްމިޓުކޮށްގެން ފަރުވާ ހޯދަމުންދަނީ 213 މީހެކެވެ.

ޕޮޒިޓިވްވާ އަދަދުތައް ނިމިދިޔަ މެއި މަހާ އަޅާއިރު ދަށްވަމުން ދިޔަ ކަމުގައި ވިޔަސް، މަރުވާ މީހުންގެ އަދަދުތައް އަދިވެސް އުޅެނީ މަތީގައެވެ. އެގޮތުން މި ހިނގާ ޖޫން މަހު މިހާތަނަށް އެކަނިވެސް 13 މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!