މީހަކު ޖާމިނުކޮށްފައި ފުރުމުގެ ހުއްދަ ނުދެވޭ ގޮތަށް ބަދަލުކޮށްފި

އެހެން މީހަކު ޖާމިނުކުރުމަށް ފަހު ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ނުދެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ޖިނާއީ ދައުވާއެއް އުފުލިފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ހާލަތުގައި، އޭނާ އަނބުރާ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އެހެން މީހަކު ޖާމިނު ކުރުވުމަށްފަހު، އެ މީހަކަށް ފުރަން ހުއްދަ ދެވިދާނެއެވެ. ނަމަވެސް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މީހުން ޖާމިނު ކުރެވޭ ގޮތަށް އޮންނަނީ ބަންދުގައި ތިބޭ މީހުން ބަންދުން ދޫކޮށްލުމުގައި އެކަންޏެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު މުރާޖައާ ކުރުމަށް ފަހު އެ ގަވާއިދަށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި، ޖާމިނު ކުރުވުމަށް ފަހު ފުރަން ހުއްދަ ދެވޭ މާއްދާ އެ ގަވާއިދުން ވަނީ އުނިކޮށްފައެވެ. އެކަމަކު، ބަންދުން ދޫކޮށްލުމުގައި މީހުން ޖާމިނު ކުރެވޭ ގޮތަށް މި ފަހަރުގެ ގަވާއިދުގައި ވެސް ހިމަނާފައިވެއެވެ.

ސުޕްރީމް ކޯޓުން އެ ބަދަލު ގެނައިއިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، އެހެން މީހަކު ޖާމިނު ކުރުވުމަށް ފަހު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ފެބްރުއަރީ މަހު ހުއްދަ ދީފައެވެ. އަލީ ވަހީދުގެ ބޭސްފަރުުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުވުމަށް ފަހުއެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަދިން މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިޔަސް، އަލީ ވަހީދު މިހާރު އުޅޭ ތަނެއް ނޭނގޭތީ އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ދައުލަތުން ބުނެފައިވާ ގޮތުން އަލީ ވަހީދު މިހާރު ހުންނެވި ގައުމެއް ދައުލަތަކަށް ނޭނގެއެވެ. އެހެންވެ، ދައުލަތުން މިހާރު ވަނީ އަޑުބަރޭ އަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން މީހަކު ޖާމިނު ކޮށްފައި ދޫކުރާ ހާލަތުގައި ކޯޓުން ކުރާ ޝަރުތުތަކާ ޚިލާފްވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް އެ ޤާނޫނުގައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!