އެމެރިކާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ސިއްޙީ ސާމާނު ހަދިޔާކޮށްފި

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން އެމެރިކާއިން 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ސިއްޙީ ސާމާނުރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ވަނީ ރާއްޖެއާ ރަމްޒީކޮށް ހަލާވާލުކޮށްފައެވެ.

ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 124،671 ޔޫއެސްޑޮލަރު ނުވަތަ 1922426.82 (އެއްމިލިޔަން ނުވަސަތޭކަ ސައުވީސްހާސް ހަތަރުސަތޭކަ ސައްބީސް ރުފިޔާ)ގެ ސާމާނުގެ ތެރޭގައި 184,000 ޕީޕީއީއާއި 600 ޕަލްސް އޮކްސިމީޓަރު ހިމެނެއެވެ.

މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޤަފޫރު މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައިވެސް އެމެރިކާއިން ގާތް އެކުވެރި ޤައުމެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާކަމަށެވެ. އަދި މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ފްރޮންޓްލައިންގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައި އެކަން ޢިއުލާންކުރެއްވިކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ، އެޤައުމުގެ ސަރުކާރަށް ފޮރިން ސެކްރެޓަރީ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ މިޝަން އޮފްދަ އެމްބަސީގެ ޑެޕިއުޓީ ޗީފް މާޓިން ކެލޭ ވިދާޅުވީ އެމެރިކާއާ ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުން ބަދަހިކުރުމާއެކު ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި ޔޫއެސް އެއިޑްގެ މިޝަން ޑައިރެކްޓަރވެސް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!