ކޮވިޑް-19 ގައި ބަނޑިދޫން މީހަކު މަރުވެއްޖެ

ދ. ބަނޑިދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މަރުވެ، ރާއްޖެއިން ކޮވިޑް-19ގައި މަރުވި މީހުންގެ ޖުމްލަ 175އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ބަނޑިދޫން މަރުވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ މަރުވީ މިއަދު ހެނދުނު 11:17 ހާއިރުކަމަށެވެ.

ބަނޑިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އެމީހާ މަރުވީ ކޮވިޑް ޖެހުނުތާ މިއަދަށް 14 ދުވަސްވެފައި ވަނިކޮށް ކަމަށެވެ. އަދި އޭނާ މަރުވީ ނޭވާލަން ދަތިވެ ރޭ ހާލު ސީރިއަސްވެ، މިއަދު މެންދުރު ލ. ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ގެންދަން ތައްޔާރުވެފައިވަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު އެރަށުން މަރުވި މީހާ ތަފާތު ބަލިތަކަށް ބޭސް ކުރަމުން އަންނަތާ 15 ވަރަކަށް އަހަރު ވެއްޖެއެވެ.

ބަނޑިދޫއަކީ ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނިފައިވާ ރަށެކެވެ. އެގޮތުން މިހާތަނަށް 107 މީހަކު ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް އެރަށުގެ 33 ގެެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 175 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 159 ދިވެހިންނާއި 16 ބިދޭސީންނެވެ. މިބަލީގައި މިދިޔަ މަހު ރިކޯޑު އަދަދަކަށް ރާއްޖެއިން މީހުން މަރުވެފައިވާއިރު، މިމަހުގެ ފުރަތަމަ ދުވަހުވެސް 8 މީހުން ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!