ސަރުކާރު ސްކޫލެއްގެ ގޮތުގައި ހުޅުމާލެ ޕްރީ ސްކޫލު ހުޅުވަނީ

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލު ނުހުޅުވި ދެ އަހަރު އޮތުމަށްފަހު، އެތަން ހިންގުމާ ސަރުކާރުން ހަވާލުވެ، އަންނަ އޮގަސްޓް މަހު އެތަން ހުޅުވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

ހުޅުމާލެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ ޕްރީ ސްކޫލު ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގައެވެ. އެހެންވެ، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެކަމާ ގުޅޭ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ޕްރީ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުނުކުރެވި އުޅެނިކޮށް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން މިއޮތް ހުރިހާ ދުވަހު އެތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގައެވެ.

ކުރިއަށް އޮތް ދިރާސީ އަހަރު އެ ސްކޫލު ހުޅުވުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު މިއަދު ވިދާޅުވީ އެ ޕްރީ ސްކޫލުގެ އިމާރާތުގައި 10 ކްލާސްރޫމު ހުންނައިރު، އެތާނގައި ކިޔަވައިދޭނީ އެލްކޭޖީ އަދި ޔޫކޭޖީއަށް ކަމަށެވެ.

އެ މިނިސްޓްރީން ރޭ ވަނީ ޕްރީސްކޫލް ހުޅުވުމަށް ބޭނުންވާ ފޮޓޯކޮޕީ މެޝިނާއި އެޓެންޑަންސް މެޝިން ހޯދައިދޭނެ ބަޔަކު ހޯދަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިފައެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގަން އެންމެ ފަހުން އިއުލާންކުރުމުން ހަތަަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ.

ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވެއެވެ

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!