ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ހުޅުވަނީ

ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް ޤާއިމުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ވިލިމާލޭގެ ރައްޔިތުންނަށް އެފަދަ މާރުކޭޓެއް ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުން އަންނާތީ ކަމަށެވެ.އަދި އެކަން ހައްލުކޮށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި މާރުކޭޓުތައް ހުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ތަންފީޒީ މަރުހަލާގެ މަސައްކަތްތައް ކަމަށާއި، އަމަލީ މަަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ އާ ދައުރުގައި ވިލިމާލޭގައި ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓެއް އެޅުމަށް މިހާރު ނިންމާފައިވާއިރު، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ އެތެރޭގެ ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް 24 ގަޑިއިރުގެ ހިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވިލިމާލޭގެ ފެރީ ޓާމިނަލާއި ފެރީތައް އޭސީ ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!