އެކަކު އަނެކަކަށް އެހީތެރިވެ، ހިތާމަތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ވާޖިބެއް: ޚުތުބާ

މުސްލިމުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއް ކަމަށާއި، ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އެހީތެރިވެދީގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

”އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ފަދަ ގޮތަކަށް ކަމަށެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ އަޅާލުމަކީ ވާޖިބު ކަމެއް ކަމަށާއި، މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރި ވެގެން ކަމަށެވެ. އެގޮތުން ތިމާއާއި އަނެކުންގެ ރައްކާތެރި ކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމްކޮށް، އެކަމުގައި އެ ފަރާތްތަކަށް އެހީތެރިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭ ކަމަށެވެ. އަދި މިނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، މާތްﷲ ގެ ޙަޟްރަތުގައި ކުރެވޭ ދުއާގައި މުސްލިމް އަޚުންނާއި އުޚްތުން ޝާމިލުކޮށް، އަޅައިލުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ.

އިސްލާމީ މުޖުތަމައުތަކުގައި ވެސް އެހެންމީހުންގެ އެހީތެރިކަމާއި، އަޅާލުން ބޭނުންވާ ބަޔަކު، ދިރިއުޅެމުން ދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލަން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަގީރުންނާއި، ޔަތީމުންނާއި، އަޅާލާނެ ބަޔަކު ނެތް މީހުންނަށް، އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށާއި، އެމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!