ރާއްޖެއަށް ވެކްސިން ހަދިޔާ ކުރާތީ ރައީސްގެ ޝުކުރު އެމެރިކާއަށް

އެމެރިކާއިން ކޮވިޑް ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން އެެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

އެމެރިކާ އިން ހަދިޔާކުރާ ވެކްސިނަކީ ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ ހަނގުރާމާގައި މުހިއްމު ދައުރެއް އަދާ ކުރާނެ އެއްޗެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އަދި އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތީ އެ ގައުމުގެ ރައީސްއަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ވިދާޅުވެއެވެ.

އެމެރިކާ އިން ދިވެހިރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެ ކަން އިއުލާންކޮށްފައި ވާ އިރު، އެމެރިކާއިން ހަދިޔާ ކުރި ޕީޕީއީއާއި މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް މާދަމާ ރަސްމީކޮށް ހަވާލު ކުރާނެ ކަމަށް ފޮރިން މިނިސްޓަރީން ބުނެފައި ވެއެވެ.

ރާއްޖެ ހިމެނޭ ހެން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށް ދޭނެ ކަމަށް އެމެރިކާ އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަދިޔާ ކުރާ ވެކްސިންގެ 75 ޕަސެންޓް ވެކްސިންް ފޯރުކޮށް ދޭނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!