އެސްޖީ އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ސަރުކާރު ތާޢީދު

ކައުންސިލްތަކުގެ ލަފަޔާ ނުލާ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަން ކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ދިނުމަށް ދެ ގާނޫނަކަށް ސަރުކާރުގެ މެންބަރަކު އިސްލާހު ހުށަހަޅާފައި އޮތް ނަމަވެސް އެއީ ސަރުކާރުން އެކަން ކުރަން ބޭނުންވާ ގޮތް ނޫން ކަމަށް ބުނެފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައިވަނީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުން ކަމަށް ބަޔާކޮށްފައެވެ. އަދި އެމަޤާމަށް މީހަކު އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުން ކަމަށް މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.

ނަމަވެސް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދު ލާމަރުކަޒީ ޤާނޫނަށް ހުށައެޅުއްވި އިޞްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އެ އިޞްލާހުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ. ސައީދު ހުށައެޅުއްވި އިޞްލާހުގެ ދެބިލްވެސް މިހާރު އޮތީ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައެވެ. އެ އިޞްލާހުތަކަށް ބަހުސް މަޖިލީހުގައި އަދި ފަށާފައެއް ނުވެއެވެ.

އެ އިޞްލާހު ހުށައެޅުއްވި މަޤްޞަދެއް ކަމަށް ބުނެފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުޞަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމާއި، ސިޔާސީ މަޞްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި، ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެވިފައި އެ ވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާހާއިއެކު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!