މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުއައްސަސާއިން: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6ވަނަ ދުވަހުގައި ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީއެއް ނުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާ އިންކުއަރީއަށް އެމްއެންޑީއެފްގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުންދީ އަދި މައުލޫމާތު ޙިއްސާކުރަމުން ގެންދާނެކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ފާހަގަކުރިއެވެ. އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއައްސަސާއެއް ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުންކަމަށް ވަނީ ބުނެފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް އެމްއެންޑީއެފްއިން ފޯރުކޮށްދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި، އިސްވެ ބަޔާންކުރެވުނު އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމަށް، އެ މުއައްސާސާގެ މައްޗަށް ލާޒިމްކުރާ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ. މި ނިންމުމަކީ، ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން، ސިފައިންގެ، ލަފާދޭ މަޖިލީހުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!