އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީޞާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާ އެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މެންބަރު އަޙްމަދު ޢީޞާގެ މައްޗަށް އުފުލާދައިވަނީ ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މައްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކަމަށެޗެ.

މެންބަރު ޢީޞަ އާއި ގުޅޭގޮތުން ފުލުހުން ތަހުޤީގުކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމު ގައިގައި ތަޅާ މާރާމާރީ ހިންގާ އަނިޔާކުރި މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅީ އަސްރާގެ އަވައްޓެރިއެއްކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލާގައި ފުލުހުން ވަނީ އަސްރާގެ ބަޔާންވެސް ނަގާފައެވެ. އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް އަސްރާ ވަނި އެދިވަޑައިގެންނަމަވެސް ވަކި މީހަކު އެދިގެން މައްސަލަ ފައިލް ނުކުރާނެކަމަށް ވިދާޅުވެ ފުލުހުން ވަނީ މައްސަލަ ބަލާފައެވެ.

މެންބަރު ޢީޞަގެ މައްޗަށް އުފުލާފައިވާ މި ދަޢުވާގެ ކުށަކީ ޖުނަޙްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ، 6 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާގެ ޢަދަބު ކަނޑައަޅާނަަމަ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މިދައުވާ ސަބިތުވިނަމަވެސް އޭނާ ފުރުއްވަމުން ގެންދަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ މެންބަރެއްގެ މައްޗަށް އަހަރަކަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިނަމައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!