އެއާޕޯޓް ކުންފުނީގެ ދަށަށް ހަތް އެއާޕޯޓާއި 320 މުވައްޒަފުން ބަދަލުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންނާއި ހަތް އެއާޕޯޓެއް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއާޕޯޓްތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމާލެވުނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ 320 މުވައްޒަފުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށް ނިމުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފައިވާ ހަތް އެއާޕޯޓަކީ ޏ. ފުވައްމުލައް، ގއ. މާވަރުލު، ގދ. ކާޑެއްދޫ، ހއ. ހޯރަފުށި ހދ. ކުޅުދުއްފުށި ށ. ފުނަދޫ އެއާޕޯޓްގެ އިތުރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މި އެއާޕޯޓްތަކުގެ ތެރެއިން ކާޑެއްދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް ކުރީގެ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްލީ ގޯސްކޮށް ކަމަށްވާތީ ވިލާ ގުރޫޕަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

މިހުކުމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއި، ރައީސް އޮފީހާއި ބަންޑާރަނައިބް އޮފީހުން މިހާރު ގެންދަނީ ކާޑެއްދޫ މައްސަލާގައި ގާނޫނީ ގޮތުން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

ރިޒްވީ ވިދާޅުވީ ހަތް އެއާޕޯޓް އެ ކުންފުންޏަށް ލިބިފައިވާތީ އެއާޕޯޓްތަކުގެ ޖުމްލަ އަގު ދެނެގަތުމަށްޓަކައި ހާއްސަ އޮޑިޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!