ޖަލުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 147ށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ ޖަލުތަކުގެ ގައިދީންނާ ބަންދުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 147ށް އަރާފައިވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުޅުމާލޭ ޖަލާއި މާފުށީ ޖލުގައި ތިބި ގައިދީންނާ ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާއިރު ކަރަންޓީނުގައި ވެސް މިވަގުތު އެއްވެސް މީހަކު ނެތްކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލޭ ޖަލުން މިހާތަނަށް 27 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މާލޭ ޖަލުގެ 117 ގައިދީއަކު ކަރަންޓީނުގައި ތިބި އިރު އައްސޭރި ޖަލުން 118 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ޖަލުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 147ށް އަރާފައިވާއިރު ކަރަންޓީނުގައި ތިބި މީހުންގެ އަދަދު ވަނީ 117ގައެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ކޭސްތަކުގެ އަދަދުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 9ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުހެން، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ 1000 އަށްވުރެ މަތިން ރިޕޯޓުކުރަމުންނެވެ. އޭގެ ފަހުން ކޭސްތައް މަދުވާން ފަށާފައި ވަނީ މެއި މަހުގެ ފަހުކޮޅުގަ އެވެ.

އެގޮތުން މެއި މަހުގެ 28 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވަނީ 901 މީހުންނެވެ. މެއި މަހުގެ 30 ވަނަ ދުވަހު 780 މީހުން ރިޕޯޓުކޮށްފައި ވާއިރު، 31 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވަނީ 710 މީހުންނެވެ. މެއި މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަހުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 34،159 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!