ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ބަންޑާރަކޮށީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގައެވެ.

ބައްދަލުކުރެއްވުން ފަށްޓަވައިދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން، ޖެނެރަލް އަޒީޒަށް މަރުޙަބާ ވިދާޅުވެ، ކޯވިޑް-19ގެ މިދަތި އުނދަގޫ ޙާލަތުގައިވެސް، ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުންނާއި އެޤައުމުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރައީސް ޞާލިޙަށާއި، ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް، ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެޤައުމުގެ ޒަމާންވީ ދިފާޢީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ.

އެގޮތުން، ޑިޒާސްޓަރ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ބަންގްލަދޭޝްގެ އާރމްޑް ފޯރސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި، އެޤައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، 2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ހަމައަށް، ރާއްޖެއިން އެހީއަށް ބޭނުންވި ޙާލަތްތަކުގައި، ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން، ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި، ޑީ.އައި.ޑީ.ސީގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް ޙުސައިން ފައިރޫޝާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!