ފޮޓޯ: ރާއްޖެ އެމްވީ

އޮތީ ފަސް އެމްބިއުލާންސް، އެވަރުން ފުދޭ: މިނިސްޓަރ ނަސީމް

މާލޭ ސަރަހައްދުގައި ކޮވިޑްގެ ބަލި މީހުން އުފުލުމުގައި ބޭނުންކުރަން ފަސް އެމްބިއުލާންސް އެބަ އޮތް ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ކޮވިޑް ޖެހިގެން އިއްޔެ ރޭ މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅިތާ ތިން ގަޑިއިރު ފަހުން ދިޔަ މައްސަލަ ފެންމަތިކޮށް މާލޭގައި ބޭނުންކުރާ އެމްބިއުލާންސްގެ އަދަދާ ގުޅޭ ގޮތުން ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ކަންކަމުގައި މިވަގުތު ފަސް އެމްބިއުލާންސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ އިތުރުން ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ އެމްބިއުލާންސް ވެސް އޭގެ އިތުރުން އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު އެއީ އެކަށީގެންވާ އަދަދެއް ކަމަށް ބެލެވޭ ކަމަށެވެ.

“އެމްބިއުލާންސް އަޅުގަނޑުމެންގެ މިކަމަށް ރެސްޕޮންސްގަ އެބަ އުޅޭ އިނގޭތޯ ފަސް އެމްބިއުލާންސް. އެ ފަސް އެމްބިއުލާންސްއަކީ އެކަށީގެންވާ އަދަދެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި މި އޮންނަނީ. އެހެންވީމަ، އީއެމްއެސް އެމްބިއުލާންސާއި އާރުއާރުޓީ އެމްބިއުލާންސާއި ހުޅުމާލޭ ހޮސްޕިޓަލް އެމްބިއުލާންސާއި އަދި އައިޖީއެމްއެޗްގެ އެމްބިއުލާންސް ވެސް އޮންނާނެ އޭގެ އިތުރުން،”

މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސްގެ ދަތިތަކުން އަރައިގަންނާނެ ކަމަށާއި ފަސޭހަ ނިޒާމެއްގެ ދަށުން އެ ކަންކަން ކުރެވޭނެ ގޮތެއް ވެސް ހޯދައި ދެއްވާނެ ކަމަށެވެ.

ހޮސްޕިޓަލްތަކުގައި ހުރި އެމްބިއުލާންސް ހިމެނޭ ގޮތަށް މިވަގުތު މާލޭ ސަރަހައްދުގައި ބޭނުންކުރަނީ ކިތައް އެމްބިއުލާންސް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

އިއްޔެ ރޭ މިޝްކާގެ ހާލު ދެރަވެގެން އޭނާގެ އާއިލާ އިން އެމްބިއުލާންސަށް ގުޅީ ނުވައެއް ޖަހާކަން ހާއިރެވެ. އެކަމަކު އެމްބިއުލާންސް ދިޔައީ ގާތްގަނޑަކަށް ތިން ގަޑިއެއްހާއިރު ފަހުން ކަމަށް މިޝްކާގެ އާއިލާ އިން ބުނެ އެވެ.

އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، “އެމްބިއުލާންސް މިހާރު ހިނގައްޖެ” ކަމަށް ބުނި ކަމަށާއި އަދި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ. މިޝްކާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން މިނިސްޓަރާއި ރައީސް އިބްރާހީމްް މުހައްމަދު ސޯލިހު ވެސް މިޝްކާގެ އާއިލާއަށް ގުޅުއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!