ހިޔާ ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރަން ފަށައިފި

ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވަނީ ސްމާޓް މީޓަރު ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފަހުގެ ޓެކްނޮލޮޖީތަކާ ރައްޓެހި ޚިދުމަތްތަކަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސްމާޓް މީޓަރު ތަޢާރަފުކުރުމަކީ ވެސް މުހިއްމު ސަމާލުކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ. މި ނިޒާމަށް ބޭނުންވާ ކޮމިއުނިކޭޝަން ޗެނަލްތައް ގުޅާލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މުޣުނީ ވިދާޅުވީ، މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ސްމާޓް މީޓަރުތައް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައިކަމަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ހުރިހާ އެޕާޓްމަންޓެއްގައި ވެސް ސްމާޓް މީޓަރ ހަރުކުރާނެކަމަށް މުޣުނީ ވިދާޅުވިއެވެ. މި ޚިދުމަތް ތަޢާރަފުކުރުމަށް ތަފާތު 3 ޓެކްނޮލޮޖީއެއް ސްޓެލްކޯއިން ދަނީ ބަލަމުންނެވެ. އަދި މީގެން ކޮންމެ ޓެކްނޮލޮޖީއެއް ވެސް ބޭނުންކުރެވޭނެހެން އެކުންފުނިން ވަނީ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްފައެވެ. މިގޮތުން ހިޔާ ފްލެޓްތަކުގައި ބޭނުންކުރާނެ ސްމާޓް މީޓަރުތައް ރާއްޖެ ގެނެސް، ޕްރޫފް ކޮންސެޕްޓްގެ މަސައްކަތް ނިންމާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. ސްމާޓް މީޓަރުތައް ހަރުކުރަމުންދާއިރު، މި ނިޒާމު ފަސޭހައިން ބޭނުންކުރެވޭނެގޮތަށް ފަރުމާކުރާ ސްމާޓް އެޕްލިކޭޝަންގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މިއީ ސްމާޓް މީޓަރާއެކު ތަޢާރަފުކުރާ ޚާއްސަ މޯބައިލް އެޕްލިކޭޝަނެކެވެ.

މާލޭ ސަރަޙައްދެކޭ އެއްފަދައިން އަތޮޅުތަކުގައި ވެސް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށަށް ސްމާޓް މީޓަރ ތަޢާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި ޚިދުމަތް ތަޢާރަފުކުރުމުން ކަސްޓަމަރުންނަށް އެމީހުންގެ ގޭބިސީތަކުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރާއި، ބިލަށް އަރާވަރު ކޮންމެތަނެއްގައި ހުރެގެން ވެސް ރިއަލް ޓައިމްކޮށް ބަލައިލެވޭނެއެވެ. އަދި ބިލަށް އެންމެ މަތިން އަރާނެ ޢަދަދެއް ކަނޑައަޅައި، ކަރަންޓް ޔޫސޭޖް އެ ޢަދަދަކާ ގާތްވުމުން ކަސްޓަމަރަށް އެކަން ނޮޓިފައިކޮށްދިނުމާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް އަރާފައިވާނަމަ ޚިދުމަތް މެދުކަނޑާލަން އެދުންފަދަ ލުއިފަސޭހަތައް ކަސްޓަމަރުންނަށް މި ޚިދުމަތާއެކު ލިބިގެންދާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!