އިހުމާލުގެ ރިޕޯޓު ނިމިއްޖެ، ތަފްސީލު މެންދުރު ފަހު ހާމަކުރަނީ

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ހެލްތު ސިސްޓަމްގެ އިހުމާލު އެބައޮތް ކަމަށާއި އެކަމުގެ ތަހުގީގު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރު ފަހު ހާމަ ކުރާނެ ކަމަށެވެ. މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސް އަށް ގުޅާތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރުވީ އިރު ވެސް އެޗްޕީއޭ އަދި އައިޖީއެމްއެޗުން ވެސް އެއްވެސް ސިއްހީ އެހީތެރިކަމެއް ނުލިބި ތިން ގަޑި އިރަށް ގާތްވެފައި ވަނިކޮށް ކުއްޖާ ބަލައި އައި އިރު ކުއްޖާއަށް ހާޓްއެޓޭކެއް ޖެހި ސިކުނޑި ވެސް މަރުވެ އެންމެ ފަހުން އެ ކުއްޖާ ނިޔާވި މައްސަލައިގައި ސިއްހީ ދާއިރާގެ ވަރަށް ބޮޑު ފެއިލިއަރއެއްވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށާއި އަޅާ ފިޔަވަޅު އާންމު ވެސް ކުރާނެ ކަމަށެވެ.

މިޝްކާ ނިޔާވި މައްސަލާގައި އާއިލާއިން ބުނީ މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ކަމަށެވެ. އެއީ ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަން އަށް ލީތާ 7 ވަނަ އަށް ވީ ދުވަހެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. ގިނަ އިރުވެ އެމްބިއުލާންސް ނައުމުން އައިޖީއެމްއެޗް އަށް ވެސް ގުޅި ކަމަށާއި އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އާއިލާއިން ބުނީ ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އަދި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗްގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު ރެސްޕޮންޑްނުކޮށް ގިނަ އިރުވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކުރިން އެ މައްސަލަ އެ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން އެކަން ބަލަމުން އަންނަ ކަމަށާއި، ޚުދު މިނިސްޓަރ އަމިއްލަފުޅަށް ވެސް އާއިލާއާ ކޮންޓެކްޓް ކުރެއްވި ކަމަށެވެ. އެގޮތުން އާއިލާއަށް ގުޅުއްވާ މާފަށް އެދިވަޑައިގެން ކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސުލްޖމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް އާއިލާއަށް ގުޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީންކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ވަރަށް ރަނގަޅަށް ބަލައި އުސޫލުތައް ވެސް އިސްލާހުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!