ރައީސްގެ އަމާޒަކީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސްދިނުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދީ، ފަތުރުވެރިކަމަކީ ރައްޔިތުންގެ އެއްޗަކަށް ހަދައިދޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ޕީއެސް އެމް ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޓޫރިޒަމް ސިޔާސަތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި އޮތީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސް ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިކަން ހާސިލްކުރުމަށްޓަކައި ޓޫރިޒަމް ލޯކަލައިޒޭޝަނާއި ޑައިވަރސިފިކޭޝަނާބެހޭ ޔުނިޓެއް ޤާއިމްކޮށްފައިކަމަށެވެ.

މައުސޫމް ވިދާޅުވީ، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މިހާރު އަލަށް އިންތިޙާބުވި ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދާކަމަށެވެ. މި ބައްދަލުވުންތައް ކުރިއަށްގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ބައްދަލުކޮށްފައިވާކަމަށާއި މިހާރު ބައްދަލުކުރަމުންދަނީ އެ އަތޮޅެއް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިން މަޝްވަރާކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ބޭނުންވަނީ ރާއްޖޭގެ އެއް އަތޮޅުން އަނެއް އަތޮޅާއި ގުޅިގެން ފަތުރުވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރަންކަމަށެވެ. އަދި ރާއްޖޭގެ މުއްސަނދިކަން އެނގެނީ ވަކިވަކި ރަށްރަށުންކަމަށާއި ކޮންމެ ރަށަކީވެސް އެރަށުގެ ޒާތުގައި ކޮންމެވެސް ޚާއްސަ ކަމެއް ހިމެނޭ ރަށެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެގޮތަށް ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ %20 ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. އަދި ކޯވިޑް19 އަށްފަހު މިހާތަނަށް 425 ގެސްޓްހައުސް އަލުން ވަނީ ހުޅުވާފައެވެ. މިއާއިއެކު ގެސްޓްހައުސްތަކުން އަލުން އޮޕަރޭޝަނަށް އައި އެނދުގެ އަދަދު ވަނީ 7726 އަށް އަރާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!