ސޯނަމް އާ ހެދި ސްކޫލުން ސަސްޕެންޑުކުރި: އަރްޖުން ކަޕޫރު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްޖުން ކަޕޫރު، އޭނާގެ ހަޔާތާ ބެހޭ ވާހަކަތަކެއް ހިއްސާކުރަމުން ސްކޫލު ދަޢުރުގައި ދިމާވި މަޖާ ކަމެއް ކިޔައިދީފިއެވެ.

ރޭޑިއޯ ހޯސްޓު ސިދާތު ކަނަން އަށް ދިން އިންޓަވިއުއެއްގައި “އިޝަގްޒާދޭ” ގެ އެކްޓަރު ބުނީ، ކުޑައިރު އޭނާއާއި ބަތަލާ ސޯނަމް ކަޕޫރު އުޅުނީ އެއް ސްކޫލެއްގައި ކަމަށެވެ. މި ދެތަރިންނަކީ ދެބެއިންގެ ދެދަރިންނެވެ. އަދި އޭރު ދެމީހުންނަކީ ބާސްކެޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް ވުމުން، ސްކޫލު ނިމިގެން ވަރަށް ގިނައިން އެކުގައި ބާސްކެޓްބޯޅަ ކުޅެން ސްކޫލުގެ ކުޅޭ ސަރަހައްދުގައި މަޑުކުރާ ކަމަށް އަރްޖުން ކިޔައިދިނެވެ.

އެހެން ތިއްބައި އެއްދުވަހަކު އެމީހުންނަށްވުރެ މަތީ ގްރޭޑެއްގެ ފިރިހެން ކުދިންތަކެއް އައިސް ސޯނަމް އަތުން ބޯޅަ އަތުލާފައި، މިއީ އެމީހުން ކުޅޭ ވަގުތޭ ބުނި ހަނގާކުރި ކަމަށް އަރްޖުން ބުންޏެވެ. އެއާއެކު ސޯނަމް ރޮމުން އަރްޖުން އަށް އެވާހަކަ ކިޔައިދީ، އޭނާ އަތުން ބޯޅަ އަތުލި ކުއްޖާ ދެއްކުމުން ވަރަށް ރުޅި އައި ކަމަށް ބުންޏެވެ. އަދި އެ ރުޅިގަނޑު މަތީގައި އަރްޖުން ގޮސް އެ ފިރިހެން ކުއްޖާއާ ދިމާއަށް ހުތުރުބަހުން އެއްޗެހި ކިޔަންފެށިއެވެ.

“އަހަންނަކީ އާންމުކޮށް އެހާ ރުޅިގަދަ މީހެއް ނޫން. އެކަމަކު ސޯނަމް އާ އެމީހުން ބެހުނީމަ ރުޅިއާދެވުނީ”، އަރްޖުން ފާހަގަކުރިއެވެ.

އަރްޖުން އެއްޗެހި ކިޔުމުން އެ ފިރިހެން ކުއްޖާ އަރްޖުންގެ މޫނުމަތީގައި ޖެހި ޖެހީނުން އަރްޖުންގެ އެއްލޯ ޒަޚަމްވި ކަމަށް ބުންޏެވެ. އެއީ ޤައުމީ ފެންވަރުގައި ބޮކްސިންގ ތަޅާ ކުއްޖެއްކަން އެނގުނީ މާފަހުން ކަމަށް އަރްޖުން ބުންޏެވެ. އެންމެފަހުން އަރްޖުން ހޮސްޕިޓަލަށް ދާންޖެހި، ސްކޫލުން ވެސް ސަސްޕެންޑުކުރިއެވެ.

“އަހަރެން ސަސްޕެންޑުކުރީ ހުތުރު ބަސް ބޭނުންކުރީމަ، އަދި އެ މައްސަލަ ފެއްޓި މީހަކީ އަހަރެން ކަމަށް ވީމަ”.

އަރްޖުން ބުނީ، ސޯނަމް ދިފާއުކުރަން ހަދައިގެން އެކަހަލަ ލަނޑެއް ލިބުމުން އެންމެފަހުން އެކަން ދޫކޮށްލީ ކަމަށެވެ. “ސޯނަމް ކައިރީ ބުނިން މީގެފަހުން ސްކޫލުގަ އަމިއްލައަށް ބަލައިގެން އުޅޭށޭ، އަހަރެންގެ އަގު މިއޮތީ ވެއްޓިފައޭ”، ސަމާސާ ރާގުގައި އަރްޖުން ބުންޏެވެ.

އަރްޖުން ކަޕޫރު، 35، އެންމެފަހުން ފެނިގެންދިޔައީ “ސަރްދާރް ކާ ގްރޭންޑްސަން” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!