މިފަހަރު ގޯވިންދާ އާއި ނީލަމްގެ އެނބުރި އައުމެއް

1980 ގެ ފަހުކޮޅުން ފެށިގެން 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދި އޮން-ސްކްރީން ޖޯޑު، ގޯވިންދާ އާއި ނީލަމް ކޮތާރީ 20 އަހަރު ފަހުން އަނެއްކާވެސް އެކުގައި ފެނިލައިފިއެވެ.

ސޮނީ ޓީވީގެ ނަށާ ޝޯ “ސުޕަ ޑާންސާ” ގެ މިދިޔަ ހަފްތާ ބަންދުގެ ޝޯ، ކުރީގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޝިލްޕާ ޝެޓީއާއި ސުނިލް ޝެޓީއަށް ހާއްސަކޮށްފައިވާއިރު، މި ހަފްތާގެ ޝޯ ޙާއްސަކުރީ ގޯވިންދާއާއި ނީލަމުގެ ޖޯޑަށެވެ. މި އެޕިސޯޑު ހާއްސަކޮށްފައިވަނީ ގޯވިންދާ އާއި ނީލަމް ބޮލީވުޑްގައި ހޭދަކުރި 35 އަހަރުގެ މަސައްކަތަށެވެ. މި ދެ ފަންނާނުންނާ ގުޅުންހުރި އެކި ލަވަތަކަށް ޝޯގެ ބައިވެރިން ނެށުންތައް ހުށަހަޅާނެއެވެ.

އެ އެޕިސޯޑުގެ ޕްރޮމޯ ވީޑިއޯކޮޅެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ނީލަމްގެ ފިރިމީހާ ސަމީރު ސޯނީ ބުނީ މިއީ “ވިހި އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް” ކަމަށެވެ.

“ސުޕަ ޑާންސާ” ގެ މި ހަފްތާ ބަންދުގެ އެޕިސޯޑު ގޯވިންދާއާއި ނީލަމަށް ޙާއްސަކޮށްފައިވާތީ، އެދެމީހުންގެ ފޭނުން އަންނަނީ މީސްމިޑިއާގައި އުފާފާޅުކުރަމުންނެވެ. މިކަމާ ބެހޭގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަދައްކަމުން ނީލަމް، 51، ބުނީ ގޯވިންދާއާއި އޭނާގެ ޖޯޑު އެހާ މަޤުބޫލުކަން މި އެނގުނީ އަދިކިރިޔާ ކަމަށެވެ.

ނީލަމް އާއި ގޯވިންދާ އެކުގައި ވަނީ 15 ވަރަކަށް ފިލްމުގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި “ލަވް 86” ، “ޚުދްގަރްޒް” އަދި “އިލްޒާމް” ފާހަގަކޮށްލެވެއެވެ. މިދެމީހުން އެކުގައި ކުޅެފައިވާ “އާޕް ކެ އާޖާނޭ ސޭ” އަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތް ލަވައެކެވެ.

ނީލަމް ކޮތާރީ މިހާރު ހުރީ ފިލްމީ ދާއިރާއާ ދުރުގައެވެ. މިހާރު އޭނާއަކީ މަޝްހޫރު ގަހަނާ ޑިޒައިނަރެކެވެ. އެކަމަކު ކަރަން ޖޯހަރްގެ ނެޓްފްލިކްސް ސީރީޒް “ފެބިއުލެސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް” އިން ނީލަމް މިދިޔަ އަހަރު ފެނިގެންދިޔައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!