މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމުމުން ފިޔަވަޅު އަޅާނަން: މިނިސްޓަރު

ދިހަ އަހަރުގެ ކުއްޖާގެ މަރުގެ ތަހުގީގު މިރޭ ނިމޭނެ ކަމަށާއި ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، އެ ވަގުތު ކޯލްތަކަށް ޖަވާބުދިން ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އެ ތަހުގީގު ކުރިއަށްދާ ކަމަށާއި ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށާއި އަޅާ ފިޔަވަޅު އާންމު ވެސް ކުރާނެ ކަމަށެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކުރިން އެ މައްސަލަ އެ ބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން އެކަން ބަލަމުން އަންނަ ކަމަށާއި، ޚުދު މިނިސްޓަރ އަމިއްލަފުޅަށް ވެސް އާއިލާއާ ކޮންޓެކްޓްކުރެއްވި ކަމަށެވެ. އެގޮތުން އާއިލާއަށް ގުޅުއްވާ މާފަށް އެދިވަޑައިގެން ކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސސިލްޖމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އާއިލާއަށް ގުޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ވަރަށް ރަނގަޅަށް ބަލައި އުސޫލުތައް ވެސް އިސްލާހުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!