މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރާތީ ކަސްޓަމަރުން ސަމާލުވުމަށް އެދެފި

މާދަމާ ރޭ ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރާތީ މުހިންމު މުއާމަލާތްތައް އޭގެކުރިން ނިންމުމަށް ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެދުނު 9:00 އަށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތްކުރުމަށް ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުން ވަނީ އެ ގަޑިތަކުގައި ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް މެދުކަނޑާލާނެތީ، ކާޑު ބޭނުންކޮށްގެން މުހިންމު މުއާމަލާތެއް ކުރަންޖެހޭނަމަ، އެ މުއާމަލާތެއް ކުރިން ނިންމުމަށް އެދިފައެވެ. އެގޮތުން އޮންލައިން ފައިސާ ދައްކަންޖެހޭ މުއާމަލާތްތަކާއި ކާޑުން ކުރާ ބޭރުގެ މުއާމަލާތްތައް ފަދަ މުހިންމު މުއާމަލާތްތައް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ނިންމުމަށް ބޭންކުން ވަނީ އެދިފައެވެ.

ބީއެމްއެލުން އިތުރަށް ބުނީ، ކާޑު ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިނގަމުންދިޔަ ނަމަވެސް އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!