މިސްބާހު ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގެ ގެރެންޓަރ އެއްގެ ގޮތުގައި ޕާކިސްތާނުގައި: ފުލުހުން

މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައި ވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު “މަސްޖަރީ-2” ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ މައްސަލައިގައި 10 މީހަކަށް ދައުވާކޮށްފައިވެ އެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ “AB1B P1939” ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް އައިސްފާ ނުވާ ކަމަށެވެ. އަދި، މިސްބާހް ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިސްބާހް ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި “ގެރެންޓާ” އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!