މާދޫރީ އާއި ޖޫހީ، ބޮލީވުޑް އެކްޓަރުންނާ ކައިވެނި ނުކުރި ސަބަބު

މާދޫރީ ދިކްޝިތު އާއި ޖޫހީ ޗާވްލާ އަކީ 1980 ގެ ފަހުކޮޅުން ފެށިގެން 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ދެތަރިއެކެވެ. ގާތްގަނޑަކަށް އޭރުގެ މަޝްހޫރު ހުރިހާ އެކްޓަރުންނާއެކީ މި ދެމީހުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެ އެކްޓަރުންނާއެކީ ސްކްރީނުން ފެނުނު ކެމިސްޓްރީ ވަނީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައެވެ.

އެކަމަކު ބެލުންތެރިން ހީކުރި ގޮތާ ޚީލާފަށް، ޖޫހީ އާއި މާދޫރީ ކައިވެނި ކުރީ ފިލްމީ ދާއިރާއިން ބޭރުގެ މީހުންނާއެވެ. އެކަމާ ބެހޭގޮތުން ބައެއް އިންޓަވިއުތަކުގައި ސުވާލުކުރެވިފައި ވެއެވެ. އެގޮތުން ކަރަން ޖޯހަރްގެ ޓޯކް ޝޯގައި އެއްފަހަރު މާދޫރީ އާއި ޖޫހީ އެކުގައި ބައިވެރިވުމުން، ކަރަން ކުރި ސުވާލަކީ ސަލްމާން ޚާން، ޝާހްރުކް ޚާން އަދި އާމިރު ޚާންމެން ފަދަ އެކްޓަރުންނާއެކީ މަސައްކަތްކޮށްފައި ވިޔަސް، އޭގެން މީހަކު ހަޔާތުގެ ބައިވެރިއަކަށް ހަދަން ނުވިސްނީ ކޮން ސަބަބަކާހުރެތޯ އެވެ.

އެއަށް ޖަވާބުދެމުން މާދޫރީ ބުނީ، އޭނާގެ ހަގީގީ “ހީރޯ” އަކީ ފިރިމީހާ ޝްރީރާމް ނޭނޭ ކަމަށެވެ. ޝްރީރާމް އަކީ ހިތުގެ ބަލީގެ ޑޮކްޓަރަކެވެ. މާދޫރީ އޭނާއާ ކައިވެނިކުރީ ފިލްމީ ދާއިރާގައި އުޅެމުން، 1999 ގައެވެ. އެ ކައިވެންޏަށް ވަނީ ދެކުދިން ލިބިފައެވެ.

ހަމަ އެ ސުވާލަށް ޖަވާބުދެމުން ޖޫހީ ބުނީ، އޭނާއަށް ލޯބިވެވުނީ އާދައިގެ މީހެއް (ޖޭ މެހެތާ) ދެކެ ކަމަށެވެ. އަދި އޭރު ޖޭ އޭނާދެކެ ވާ ލޯބި ހާމަކުރަން މާބޮނޑި އާއި ހަދިޔާ ފޮނުވާ ކަމަށް ބުންޏެވެ. ޖޫހީ ބުނީ އޭނާއެކީ މަސައްކަތްކުރި އެކްޓަރުންނަކީ ވަރަށް މޮޅު ބައެއް ކަމަށާއި، އެކަމަކު ހަގީގީ ދިރިއުޅުމގައި އެކްޓަރަކާ ކައިވެނިކޮށްގެން އުޅޭނެ ގޮތް ހިޔާލަށް ނުގެނެވޭ ކަމަށެވެ.

“އަހަންނަށްވުރެ ގިނައިން އަހަރެންގެ ފިރިމީޙާ ލޯގަނޑުން ފަރި ބަލަންޏާ ކަމަކުނުދާނެ ދޯ”، ސަމާސާ ރާގެއްގައި ޖޫހީ ބުނެފައިވެއެވެ. އެ މޭރުމުން ވާހަކަދައްކަމުން އޭނާ ބުނީ، އެކްޓަރުންނަކީ އެމީހުންގެ އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ލޯބިވާ ބައެއް ކަމަށެވެ. އަދި އެފަދަ މީހަކާ ކައިވެނިކޮށްގެން ނޫޅެވޭނެ ކަމަށް ބުންޏެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޖޭ މެހެތާއާ 1995 ގައި ކައިވެނިކޮށްގެން ޖޫހީއަށްވެސް ވަނީ ދެކުދިން ލިބިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!