އަހަރެންގެ މައިންބަފައިން އަހަންނާމެދު ކަންބޮޑުވޭ: ޖެކްލިން

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު އެ ޤައުމުގައި ދިރިއުޅޭތީ މައިންބަފައިން ވަަރަށް ކަންބޮޑުވާ ކަމަށް ބޮލީވުޑް އެކްޓްރެސް ޖެކްލިން ފަނަންޑެޒް ބުނެފިއެވެ.

2020 ގެ ފަހުކޮޅުން ފެށިގެން ޖެކްލިން އަންނަނީ ވަރަށް ބުރަކޮށް ޝޫޓިންގ ތަކުގައި މަސައްކަތް ކުރަމުންނެވެ. އެންމެފަހުން މަސައްކަތްކުރަމުން ދިޔަ “ރާމް ސޭތޫ” ގެ މަސައްކަތް މެދުކެނޑުނީ އޭގެ ބަތަލު އަކްޝޭ ކުމާރާއި ބައެއް ކްރޫ މެންބަރުން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ދާދިފަހުން ‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ ބަތަލާ ބުނީ، އިންޑިއާއަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް ބިންދައިލިއިރު އެއްވެސް މީހަކު ތިބީ އެކަމަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އޭނާ މިހާރު ދަނީ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކަމުގައި ޖެކްލިން އުޅުނަސް، އޭނާގެ މައިންބަފައިން ތިބީ ހިތްހަމަޖެހިފައި ނޫން ކަމަށް ބުންޏެވެ.

“އަހަރެންގެ މަންމަމެން ދިރިއުޅެނީ ބަހްރެއިން ގަ. އެމީހުން ތިބެނީ އަހަރެން އިންޑިއާގަ އުޅޭތީ ކަންބޮޑުވެފަ. އެއީ އެމީހުންނަށްވެސް ހަބަރުތަކުން އިންޑިއާގެ ހާލަތު ސިފަވެފަ އޮތީމަ”، ޖެކްލިން ކިޔައިދިނެވެ.

ޖެކްލިން ބުނީ އޭނާގެ މައިންބަފައިންން އިރުއިރުކޮޅާ ގުޅާފައި އެވާހަކަ ދައްކާ ކަމަށެވެ. އަދި މަންމަމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޖެކްލިން ބަހްރެއިން އަށް ދާން ކަމަށް ބުންޏެވެ. އޭގެ އިތުރުން، ސްރީ ލަންކާގައި ދިރިއުޅޭ އާއިލާގެ އެހެން މީހުން ގުޅާފައިވެސް، އެމީހުން ކައިރިއަށް އައުމަށް ބުނާކަމަށް ބުންޏެވެ.

އެހެންނަމަވެސް، އިންޑިއާ ދޫކޮށްފައި ދާކަށް ޖެކްލިންގެ ވިސްނުމެއް ނެތެވެ. އޭނާ ބޭނުންވަނީ އޭނާގެ މަސައްކަތުގައި ދެމިހުންނަން ކަމަށް ބުންޏެވެ.

ޖެކްލިން އަކީ ސްރީ ލަންކާއަށް އުފަން އެކްޓްރެސް އެކެވެ. އޭނާ އިންޑިއާއަށް ބަދަލުވެ، އެކްޓިންގ އަށް ނުކުތީ 2009 ވަނަ އަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!